ދިރުންދޭ ތަމަންނާ އެ ދަރުބާރު ހާދީ
                ރާގު: ޖޮ އުންކީ ތަމަންނާ
        
        ދިރުންދޭ ތަމަންނާ އެ ދަރުބާރު ހާދީ، 
ތަވައްޖުހު ކުރެއްވީ މި އަރިހަށް ނަޖާޝީ
މިމުސްލިމް ޞަޙާބީންގެ އަމަނަށްޓަކައިވީ، 
އެމާތް އިޒުނަފުޅު ހިޖުރައަށް އައުމަދެއްވީ
ދިރުންދޭ...
އަމާންކަން މަތީގައި އެޙަބްޝަށް ވަޑައިގެން، 
ހިމޭން ވަފުދުގައި ޚާއްޞަ ފާހަގަ ތަކެއްވީ
އަބޫބަކުރު، ޢުޘްމާން، ޖަޢުފަރުވެ ޝާމިލް، 
އެމާތް ސައްތައެއްހާ ޞަޙާބީންނެކޭވީ
ދިރުންދޭ...
ދަތުރުފުޅުގައޭ އިބުނު ދަޣުނާ މުޤާބިލް، 
ވުމުން އިތުރު ޞިއްދީޤު އޭނާގެ ބާރުން
އެ އުއްމުލްޤުރާއަށް އަމާންކަން މަތީގައި، 
އެތައް ޢަހްދަކަށްފަހު ވަޑައިގެންނެވުންވީ
ދިރުންދޭ...
ނަޖުމު ސޫރަތުން ލާތަ ޢުއްޒާ އެފެނިގެން، 
ޤުރައިޝުން އުފާކުރި ޚަބަރު އައްސަވައިގެން
އެތައް ބޭކަލަކު އޮޅިވަޑައިގެންނެ ޙަބަބުން، 
ރަސޫލާގެ އަރިހަށް ވަޑައިގެންނެވުންވީ
ދިރުންދޭ..
ޙަޤީޤަތް އައީމާ ފިލާސާފުވެވިގެން، 
އަނެއްކާ ކުރެއްވީ ދެވަނަ ހިޖުރައެއް ދެން
ޙިމާޔަތުގެ އިޙްސާން ނަޖާޝީ ލިބެވުން، 
އިލާހީ ޢިނާޔަތުގެ ސިއްރެއް ކަމަށްވީ
ދިރުންދޭ..