ނުވަމަސް ދުވަހުގެ ގަދަ ވޭނުގައި

ނުވަމަސް ދުވަހުގެ ގަދަ ވޭނުގައި
ދުޅަވެސް ހެޔޮނުވެ ފައިތިލަ މަތިން
ކުޑަވެސް ލޮޅުމެއް ވެނުދީ އެކޮޔަށް
މޮޔަވާވަރުވެފަވާ އޯއޯއޯ މަންމާ

ވެސް ހަމަނުވަނީސް ޢަދަދުން ދުވަސް
ވިސްނަން ފަށައޭ ކޮންއިރަކުތޯ
ދެލޮލުން ދުށުމަށް އެފުރާނަ މަގޭ
ކެތްތެރިކަން ކުޑަވެފަ އޯއޯއޯ މަންމާ

ވިހެއުމުގެ އެ ގަދަފަދަ ވޭނުގާ
ކިޔެވުނު ހެޔޮ އެއްޗެއް ކިޔަވައޭ
އެދެލޯފުޅު ފުރިހަމަ ޞިއްޙަތުގާ
ލައްވާތޯ އެދިއެދި އޯއޯއޯ މަންމާ

މުޅިދުނިޔެ ނިދާ ފައިތިލަ އޮބުނަސް
ޅަފުރާނަ އުނގަށްލައިން ބަލަބަލާ
އަޑަކަށް އިވެނީ ކެނޑިނޭޅި އިވޭ
ނާނާ ކިއުމުގެ އަޑު އޯއޯއޯ މަންމާ

އެކިރޭރޭ އެކިއެކި ޙާލުގާ
ހީ ތުރުތުރުލާ އޮވެ ސާލުގާ
ރައްކާތެރިކޮށް ފިރުމާ ދެއަތުން
ހިތްވަރު ގަދަ ލޮބުވެތި އޯއޯއޯ މަންމާ

ވަކި ކޮންވަގުތެއްތޯ ލިބިދަނީ
ބުރަކަށި ޖައްސާލައިން އޮވެލުމަށް
އެފަކީރު ލޮލަށް ނިދިވެސް ނާދޭ
ނިޔަނެތި އޯގާތެރި އޯއޯއޯ މަންމާ

ތާރިޚުގަ ބޮޑުކޮށް ލިޔުނަކަސް
ތަޢުރީފުގެ ބަސް ހުސްވާނެތޯ
ޝުކުރެއް ކުރިޔަސް ދުލަކުން ނުފުދޭ
ޝުކުރުގެ ވެރި ކަމަނާ އޯއޯއޯ މަންމާ

ނޭދޭ ކުޑަވެސް އަނިޔާޔަކަށް
ގޭދޮށު މީހުންގެ ޝިކާރަޔަކަށް
ފިނިކަން ލިބެނީ ބެލުމުން އެކޮޔަށް
ލޮލުފިޔަ ޖެހުމެއްނެތި އޯއޯއޯ މަންމާ

ފެންވަރުވާ ބޮލުގަ ފުނާ އަޅާ
ލައްވާލާ ފަރި އެ ލިބާސްތަކާ
ވަޑުވާލާފާ ގޭ ކުޑަ އެނދުގާ
ލޯތްބާއެކު ބޮސްދީ އޯއޯއޯ މަންމާ

ދަރިފުޅު ހެލިފެލިވެ ހިނގަން ފަށައޭ
ތަރިއެއް ފަދައިން ބަބުޅަން ފަށައޭ
ވަރިހަމައޭ ބުނެލާ ކޮންމެކަމެއް
ޚިދުމަތުގަ އަބަދު ހުރެ އޯއޯއޯ މަންމާ

ޅަފަތުގެ ބޮޑު ބުރަވެސް ނިމިދެޔޭ
މަންމަގެ ޚިދުމަތްތައް ދެމިހުރޭ
ލޯތްބާ ކުލުނަށް ބަދަލެއް ނާދޭ
ލޯތްބާ ކުލުނުގެ ވެރި އޯއޯއޯ މަންމާ

ޚިދުމަތުގެ ޢަދަދު ކުރެވޭނެތޯ؟
އަގު އޭގެ އަދާ ކުރެވޭނެތޯ؟
އަބަދަށް ގުނިޔަސް އަދަދެއް ނުވެޔޭ
ޚިދުމަތުގެ އެ ރަންތަރި އޯއޯއޯ މަންމާ

އެދިދާނޭތޯ ދުނިޔޭގަވެސް
ނެތި ދިއުމަށްފަހު އާޚިރުގަވެސް
މައިޅަގޮނޑި އަބަދު އެދިއެދި ހުރެޔޭ
ދެދުނިޔެ ލިބުމަށް މަށަށް އޯއޯއޯ މަންމާ

އެކި ވަގުތު ހަނދާނަށް އާދެޔޭ
އެފަކީރުގެ ނިކަމެތި ޙާލުތައް
ކަރުނައިން ފުރިދޭ މި ދެލޯ މަގޭ
ޒިކުރާ ކުރުމުން ފަހެ އޯއޯއޯ މަންމާ

ނޭދޭނެ ޢަޒާބެއް ލިބުމަކަށް
އަލިފާން ކަންޏެއްވެސް ޖެހުމަކަށް
ވީއިރު މަންމާ ރޮއެފާ މަ ބުނަން
ހާނާށެ މަ ދީނަށް އޯއޯއޯ މަންމާ

އެދެމޭ އަހަރެންވެސް އިނދެލުމަށް
ޖަންނަތުގާ މަންމަގެ އުނގުތެރޭ
ކުރަމޭ މަ ދުޢާ ލިބުމަށް ޖަންނަތު
އަހަރެންގެ ތި ލޮބުވެތި އޯއޯއޯ މަންމާ

ނުލިބޭނެ ފަލަޙާ ކާމިޔާބު
ނުލިބިއްޖެ ހިނދަކު ރުހުމެއް މަންމަގެ
ކުރެވުނު ކުށަކަސް ބުނެވުނު ބަހަކަސް
މާފަށް އެދި ގޮވަމޭ އޯއޯއޯ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު