އަޞްރު ދިޔައީ ގެއްލިގެން

އަޞްރު ދިޔައީ ގެއްލިގެން އުއްމީދު ކުރަމުން އައި ނަޔާ
ވިއްސެމުންގޮސް މަލުގެ ފިޔަތައް ހޫނު މިޚަރީފުގެ ވަޔާ

ކައުނުގާ އަނދިރީގެ ސާލެއް ފަތުރަމުން ފަރުދާވަމުން
ދައުރުވީ މަންޒަރު ދުށީމޭ އަހުރެނާ އަދި އޭނަޔާ

މަޢުނަވީ ލަހުޖާއަކުން ގުޅިފައިވި ފުން ދެހިތުގެ ޝުޢޫރު
ފާޅުކޮށް މިލަނީ ޒަމާން ކިހިނެއްހެ ވާހިނދު ގޮސް ނިޔާ

ކާކުހޭ ތަބުދީލުކުރަނީ ބަދަލުވާ އަޒަލުގެ ނިޔާ
ތާކުގާ މިކަހަލަ މިއީ ޞަފުހާ މިހޭ ފުރަތަމަ ލިޔާ

ވެއްސަމުން ޝަބީބުގެ ނަޔާތައް ފިރުމަމުން ބާދޭސަބާ
އޮއްސެމުން އައިއިރު ޙަޔާތުން އިރުގެ ނޫރާނީ ޣިޔާ

ހީވެހޭ ފަރިޔާދުގާ މިހިތާ އެހިތްވި ޚިލާފަކުން
ބީވެގެން އަލިކަން މުޅިން މަޙުރޫމު ވީހެން ދުނިޔެއާ

ބުނެވުނޭ އެވަޤުތު ހިތުން އެހެނަސް ފަރަޤު އިޙުސާސަކުން
ގުނެވެމުންދާ ރޭދުވާ އެއްކޮށް އެލީ މިހިތުގެ ލެޔާ

މޮޅިތަކާ ޞޮދުމައިގެ ހިތިހާ ވޭނުގާ މި ޢަޒާބުގާ
ހޮޅިމިލާ ރާޅުން ދިނޭކަށް ނޭދެމޭ މަގަކުން ހިޔާ

ކޮންމެފަދަ ޤުރުބާނަކީ ޔާރާގެ ހިޔަނީގާ ވެވޭ
އެންމެ ބޭނުންވީ ޣިޛާއޭ ނަފުސަށާއި ފުރާނަޔާ

ނަޒުރުކޮށްލި ހިތޭ މިއީ މިތުރާގެ ފޮނި އަޙުލާމުގާ
ޢަޒުމުވީ އީމާނުގާ ހެކިވާށަދެން އޭ ކަރުނަޔާ

ފަލަކުގާ ތަރިތަކުގެ ވިދުމާ އޭގެ ރީތި ކަޝިޝްކަމާ
ކުލައައީ ދިރެމުން ވުޖޫދަށް އެކުވަމުން ތިޔަ ސޫރަޔާ

ހުޅުވިލާހެން މާމަލުގެ ފަރިކަން އެއިން އޮހެމުން ޝަޒާ
ގުޅުނު މީ އެދެރޫޙަކީ މުޅި ރޫޙަކީ ތިޔައޭ ނަޔާ

އޮހޮރެމުންދާ ލޭގެ ރަމްޒުން ނަންފަވާލި ޝަހީދަކީން
ފޮހެވުނަސް ލޯބީގެ ތާރީޚުން މިނަން އަބަދުމެ ކިޔާ

އަންގަވަން އޮތް އިޢުތިރާޒެއް އޮތްވިޔަސް އިންކާރަކާ
ނަންގަވައިގެން ގެންދަވާށޭ ވެދުމަކަށް މިފިތާ މެޔާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު